top of page
2.jpg

އިޤްތިސާދު

މަސްވެރިކަން

މަސްވެރިކަމަކީ ނަފާ ބޮޑު އަދި އެހާމެ ބުރަ މަސައްކަތަކަށް ވީއިރު ދިވެހިރާއްޖޭގެ އިޤްތިސާދުގެ ލޭނާރުކަމުގެ ލަޤަބު ލިބިފައިވަނީ މަސްވެރިކަން ކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުންނެވެ. އެ ގޮތުން ކިނބިދޫ ދާއިރާއަކީ މަސްވެރިކަމަށް ޙާއްޞަ ދާއިރާއެކޭ ބުނުމަކީ އެހެން ދާއިރާތަކަށް ދެވޭ ދެރަ ބަހަކަށް ނުވާނެއެވެ. އެހެނީ ކިނބިދޫ ދާއިރާގެ މަސްވެރިންނަކީ ފެށުނީއްސުރެން މަސްވެރިކަން ކުރާ އަދި މަސްވެރިކަން ދިރުވާ އާލަކޮށް، މަސްވެރިކަމުން ރަނގަޅު ނަފާ ހޯދައިގެން އުޅޭ މި ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ޚިދުމަތްތެރި ބައެކެވެ.

މި ދާއިރާގެ މަސްވެރިންނަށް ހުރި ދަތިތަކާއި ހުރަސްތައް ދެނެގަނެ، އެދަތިތަކާއި އުނދަގޫތަކަށް ޙައްލެއް ހޯދައިދިނުމަކީ މި ދާއިރާގެ ކުރިމަޤާއި ތަރައްޤީއާއި މުސްތަޤުބަލާ ގުޅި ލާމެހިފައިވާ ކަމެކެވެ.

1.1  މަސްވެރިކަމަށް ޚާއްޞަ ހިރިލަނދޫ، ވަންދޫ އަދި އެހެންރަށްރަށްވެސް ހިމެނޭހެން ރޯމަސް އެކްސްޕޯޓްކުރާ ހަބެއް ހިރިލަނދޫގައި ތަޢާރަފް ކުރުމުގެ މަސައްކަތް ކުރުން. އެގޮތުން ކައުންސިލްތަކާއި މަސްވެރިކަންކުރާ ފަރާތްތަކަށް މި ކަމުގެ އިންވެސްޓަރުން ތަޢާރަފު ކޮށްދިނުން.

1.2  މަސްވެރިން ބާނާ މަހުގެ ބާވަތްތަކުން އިތުރު އުފެއްދުންތައް، އުފައްދައި، އެ ތަކެތި މާކެޓު ކޮށް، މަސްވެރިކަމުން އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ބަލައި ދިރާސާ ކޮށް ތައާރަފު ކުރުމަށް މަސައްކަތް ކުރުން. އެ ގޮތުން މިނިސްޓްރީތަކާއި ކަމާބެހޭ ވުޒާރާތަކާއި މަޝްވަރާކޮށް، މި ކަންކަން ކުރެވޭނެ މަގެއްހޯދުން.

1.3  މަސްވެރިކަމަކީ ވަޒީފާއެއްކަމުގައި އެކަށައަޅައި، ބޭންކިންގގެ ކްރެޑިޓް ރޭޓިންގގެ ތެރެއަށް ފެތި، މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ އިތުރު ޚިދުމަތްތައް ހޯދަން މަސްވެރިންނަށް ފުރުޞަތު ހުޅުވާލުމަށް ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކުރުން. (ރައީސް)

1.4 ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ދާއިރާއާއި ހަމައަށް ގެނެސްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ވަކާލަތުކޮށް، އެ ވައުދުތައް ދާއިރާގެ ރައްޔިތުންނަށް ކަށަވަރުކޮއްދިނުން.

އުފެއްދުންތެރި މަސްވެރިން

މަސްވެރިކަމަކީ ކިނބދޫ ދާއިރާގެ މައިގަނޑު އެއް އިޤްތިސާދު ކަމަށް ވާއިރު، މަހުން އުފައްދާ އެކިއެކި ޕްރޮޑަކްޓުތަކަކީ ރޯމަސް ވިއްކުމާއި އެއްފެންވަރެއްގައި، ހިނގަމުންއަންނަ މަސައްކަތެކެވެ. އެ ގޮތުން ރިހާކުރު ހޭނުމާއި، މަސް ވަޅޯކޮށް ހިއްކުމުގެ މަސައްކަތް ޤައުމީ ފެންވަރުގައި ދާއިރާގެ ހުރިހާ ރަށެއްގައި ދަނީ ކުރަމުންނެވެ. ހިރިލަންދުއާއި، އޮމަދުއަކީ މި މަސައްކަތަށް ޚާއްސަ ދެރަށެވެ. އޮމަދޫ ރިހާކުރުގެ ނަން ރާއްޖޭގައި ވިދަމުންދާއިރު، ހިރިލަންދޫގެ ރިހާކުރާއި، ހިކިމަހާއި، ވަޅޯމަސްވެސް މިއީ ނަންހިނގާ އުފެއްދުންތަކެވެ.

 

2.1  މަސް ކައްކައި ހިއްކުމާއި ރިހާކުރާއި އެފަދަ އެހެން  އުފެއްދުންތަކަށް ތައްޔާރުކުރާ ކާރުޚާނާތައް ޒަމާނީފެންވަރަށް ތަރައްޤީކުރުމަށް ތަމްރީނުތައް ދީ އެ ކަންކަން ސަރުކާރުގެ މަސްވަރާގެމަތިން ކުރިއަށް ގެނގެވޭނެ މަގު ތަނަވަސްކޮށްދިނުން.

2.2  ކަނޑުމަހުންނާއި ފަރުމަހުގެ ބާވަތްތަކުން އުފެއްދޭނެ އިތުރު އުފެއްދުންތައް ކަމުވޮށިގެންވާ މީހުންގެ އިރުޝާދާއި ލަފާގެމަތިން ތައާރަފު ކޮށްދިނުމަށް މަސައްކަތް ކުރުން. އަދި އެތަކެތި މާކެޓު ކުރެވޭނެ ގޮތްތަކެއް ހޯދައިދިނުން.

 

ދަނޑުވެރިކަން

އިންސާނުން ހޮހޮޅަތަކުގެ ދިރިއުޅުމުން ވިލެޖުތަކާއި އަވަށްތަކާއި ސިޓީތަކުގެ ދިރިއުޅުމަށް ގެންގޮސްދިން އެންމެ މުހިންމު އެއް މަސައްކަތަކީ ދަނޑުވެރިކަމެވެ. ޝިކާރަކުރުމާއި ޖަންގަލިތަކުން ގޮވާމާއި މޭވާގެ ބާވަތްތައް އެއްކުރުން ދޫކޮށް، ކޯރުތަކުގެ އައްސޭރިތަކުގައި ދަނޑުގޮވާންކުރަން ފެއްޓުމަކީ، ތަހުޒީބީ މުޖުތަމަޢުތައް އުފެދުމުގެ އެއް ސަބަބެވެ. ކާބޯތަކެއްޗާއި ބޯހިޔާވަހިކަމާއި ރައްކާތެރިކަން ފަދަ ކަންކަމަކީ އިންސާނާގެ އަސާސީ ބޭނުންތަކެވެ. މިހެން މިކަން އޮތްއިރު ފުދުންތެރި ޤައުމަކަށް ވުމަށްޓަކައި ކާބޯތަކެތީގެ އުފެއްދުންތެރިކަން ދިވެހިން މިއަދު އިތުރުކުރަން ޖެހެއެވެ.

 

1.1  ޒަމާނީ ގޮތްތައް ބޭނުންކޮށްގެން ގުރީން ހައުސްތަކުގައި ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު ހޯދައިދީ، ޒުވާން ޖީލަށް އެކަމަށް ބޭނުންވާ ހުނަރާއި ޢިލްމު އަދި ވަސީލަތް ހޯދައިދިނުމަށް މަސައްކަތްކޮއްދިނުން.

 

1.2  ދަނޑުވެެރިކަން ކުރުމަށް ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމަށް ކަމުވޮށިގެންވާ މީހުންނާ މަސްވަރާކުރެވި މި ކަންކަމަށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތްކުރުން.

 

1.3  ދަނޑުވެރިކަމުން އުފަައްދާ ޕްރޮޑަކްޓްތަށް ފަސޭހައިން ޓްރާންސްޕޯޓު ކުރެވޭނެ ގޮތް ހޯދައިދިނުމަށް މަސައްކަތް ކުރުން.

 

1.4  ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ދާއިރާއާއި ހަމައަށް ގެނެސްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ވަކާލަތުކޮށް، އެ ވަޢުދުތައް ދާއިރާގެ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުން.

 

ފަތުރުވެރިކަން

ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާއެއް އަދާ ކުރަމުން އަންނަ، އަދި އެންމެ ބޮޑު އާމްދަނީއެއް ޤައުމަށް ވަންނަމުން އަންނަ ސިނާއަތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމަށް ޚާއްސަ ރިސޯޓްތަކާއި ގެސްޓްހައުސްގެ ވިޔަފާރި ދުވަހެއް ދުވަހަކަށް ފުޅާވަމުން އަންނައިރު، ހިތާމަ ކުރާ ކަމަކީ މި ސިނާއަތުން ކިނބިދޫ ދާއިރާއަށް އެއްވެސްކަހަލަ  މަންފާއެއް ލިބެން ނެތުމެވެ.

 

1.1   ފުށި، ވަންބަދި، ކަނި އަދި ރުއްތިބިރަށަށް ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓްތައް ގެނައުމަށް މަޖިލީހުގައި ވަކާލާތުކޮށް ސަރުކާރުގެ ސަމާލުކަމަށް ގެނެސް ފަތުރުވެރިކަމުގެ ސިނާއަތް ދާއިރާއަށް ތައާރަފު ކުރުމުގެ މަސައްކަތް ކުރުން. ރުއްތިބިރަށުގައި ރިސޯޓެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރާއި ގުޅިގެން މިވަގުތު ދަނީ ކުރެވެމުންނެވެ. އެގޮތުން އަންނަ އަހަރު (2024) ޖެނުއަރީ 15ގައި ފުރަތަމަ އިންވެސްޓަރގެ ސައިޓް ވިޒިޑް ވަނީ ހަމަޖެހިފައެވެ.

 

1.2  ޒުވާން ވިޔަފާރިވެރިންނަށް ގެސްޓްހައުސްގެ ވިޔަފާރި ތައާރަފު ކޮށްދީ، މި ސިނާއަތް ދިރުވައި އާލާ ކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުން.

1.3  ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެޅޭ ބާރެއްގެ ގޮތިގައި، "މޯލްޑިވިއަން" އިން ފަތުރުވެރިންގެ އަތުން އެތެރޭގެ އުދުހުންތަކަށް މިހާރު ނަގަމުންދާ މިންވަރު މުރާޖަޢާކޮށް، ފަތުރުވެރިންގެ ޢަދަދު އިތުރުވާނެ މިންވަރެއްގައި ދެމެހެއްޓުން. (ރައީސް)

 

1.4 ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ދާއިރާއާއި ހަމައަށް ގެނެސްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ވަކާލަތުކޮށް، އެ ވަޢުދުތައް ދާއިރާގެ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުން.

 

ފައިބަރު މަސައްކަތް

އޮޑިދޯނިފަހަރު ބަނުމަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ކުރަމުން އަންނަ، ނަފާބޮޑު މަސައްކަތެކެވެ. އެގޮތުން ތ.ހިރިލަންދުއަކީ މި މަސައްކަތުގައި ރާއްޖޭގެ ނިސްބަތުން އެންމެ ކުރީސަފުން ޖާގަ ހޯދަމުން އަންނަ ރަށެކެވެ. ފައިބަރު މަސައްކަތް ކުރާ އޮޕަރޭޝަނަލް 6 ހަރުގެ ހުންނައިރު އަހަރެއްގެ މައްޗަށް މަދުވެގެން އެއް ކަންނެލި އޮޑި ނުވަތަ މަސްދޯނި ބާލަމުންދެއެވެ. އެތައް ޑިންގީއަކާއި މަސްލޯންޗާއި ޕެސެންޖާ ލޯންޗް އަދި ވީލްބަރޯފަދަ ފައިބަރުގެ އެތައް އުފެއްދުންތަކެއް ގިނައަދަދަކަށް ދަނީ ބޭރުކުރަމުންނެވެ.

ފައިބަރުގެ މަސައްކަތް އަދި އުފެއްދުންތައް ދުވަހެއް ދަވުހަކަށް އިތުރުވަމުންދާއިރު މަސައްކަތްކުރާ މާހައުލު ނުވަތަ ހަރުގެތައް ޒަމާނާ އެއްގޮތަަށް ތަރައްޤީކޮށް ތަނަވަސް ވުމަކީ މަސައްކަތްތެރިންގެ ވަރަށްވެސްބޮޑު އެދުމެކެވެ. އުންމީދެކެވެ.

 

1.1   ފައިބަރު މަސައްކަތްކުރާ ހަރުގެތައް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް، ސިއްޚީގޮތުން ރައްކާތެރި މާހައުލެއް ޤާއިމު ކުރުމަށް މަސައްކަތްކުރުން.

 

1.2   މަސައްކަތްތެރީންނަށް ޒަމާނީ އުކުޅުތަކާއި ތަމްރީނު ދނުމަށް ކައުންސިލްތަކާއި ޖަމިއްޔާތަކާއި ގުޅިގެން ޕްރޮގްރާމްތައް ހިންގަން މަގުފަހިކޮއްދިނުން.

 

1.3   މި މަސައްކަތަށް ހުރި ގޮންޖެހުންތައް ބަލައި ދިރާސާކުރުމައްފަހު، ކަމުވޮށިގެންވާ ފަރާތްތަކާއި ކަމާބޭހޭ ވުޒާރާތަކާއި މަޝްވަރާ ކުރުމަށްފަހު ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުން.

 

ފަންނުވެރިންނާއި ކުދިވިޔަފާރި

ކިނބިދޫ ދާއިރާއަކީ ރާއްޖޭގެ ނިސްބަތުން ފަންނުވެރިން ގިނަ ދާއިރާއެކެވެ. އެ ގޮތުން ތަފާތު ބާވަތްތަކުގެ އަމިއްލަ މަސައްކަތް ކުރާ ހުނަރުވެރިންނާއި އެފަދަ މަސައްކަތްތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އޭގެތެރޭގައި، ފޮޓޯގްރާފަރުން، ކޭކުއަޅާ ކަނބަލުން، ފަހާމީހުން، ސައިކަލު ގަރާޖު، އަތްތެރި މަސައްކަތް، ވަޑާންކުރާމީހުން، އާޓިސްޓުން އަދި ކުދިވިޔަފާރި ހިންގާ ފަރާތްތައް ހިމެނެއެވެ.

ނަމަވެސް ހިތާމައަކީ ދެމެހެއްޓެނިވި ގޮތެއްގައި މިކަންކަމުން ލިބޭ އާމްދަނީއަށް ބަރޯސާވެވޭވަރަށް އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއްނެތުމެވެ.

 

2.1 ފަންނުވެރިންގެ އޮންލައިން މާކެޓެއް ދާއިރާއަށް ތަޢާރަފްކޮށް، އެޕްލިކޭޝަން މެދުވެރިކޮށް ފަންނުވެރިންގެ މާކެޓް ފުޅާކުރުން. މިކަމުގެ ސަބަބުން ރަށުގައި ހުރެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ކޮންމެ ފަންނުވެރިއަކަށް ވެސް ލިބޭނެއެވެ. ގޭގައި އިނދެގެން ދާއިރާގެ ކޮންމެ ރަށެއްގައި ހުންނަ ކޮންމެ ފަންނުވެރިއެއްގެ ފަރާތުން ޚިދުމަތް ހޯދޭނެއެވެ. އަދި ފެރީގެ ނިޒާމު މެދުވެރިކޮށް ތަކެތި ޑެލިވާރ ކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

 

2.2 ދާއިރާގައި ފަންނުވެރިންނާއި މަސައްކަތްތެރިން އުފެއްދުމަށް ރަށުފެންވަރުގެ ތަމްރީނު ކޯސްތަކާއި، ވޯކްޝޮޕްތައް، ކައުންސިލުތަކާއި ޖަމިއްޔާތަކާއި ގުޅިގެން ހިންގޭނެމަގު ތަނަވަސް ކޮށްދިނުން.

bottom of page